މާލޭގެ ޔޫސުފުލްބަރުބަރީ މިސްކިތް ހުޅުވުން ބުދަ ދުވަހަށް ފަސްކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިން ބުނީ، ބަރުބަރީ މިސްކިތް 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވާނެކަމަށެވެ. އެހެންނަމަވެސް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު މިރޭ ވިދާޅުވީ، އެ މިސްކިތް ރަސްމީކޮށް ހުޅުވުން 18 ފެބްރުއަރީ ވާ ބުދަ ދުވަހުގެ އަޞްރު ނަމާދަށް ފަސްކުރެވިފައިވާކަމަށެވެ. ނަމަވެސް، މިސްކިތް ހުޅުވުން ފަސްކުރެވިފައިވާ ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.
ބަރުބަރީ މިސްކިތަކީ، 3 ބުރިއަށް ބިނާކުރެވިފައިވާ، އެއްފަހަރާ 1400 މީހުންނަށް ނަމާދުކުރެވޭ ޒަމާނީ މިސްކިތެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ އަށް މިސްކިތެއް ހުޅުވުމަށެވެ. މީގެތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ހުޅުވާފައެވެ.