ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އިސްރާއީލު ސިފައިން އާދިއްތަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ 12 މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މީހުން ޝަހީދުވެފައިވަނީ، އާދިއްތަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް މެދުކެނޑުމެއްނެތި ދެމުންދިޔަ ހަމަލާތަކުގައެވެ.
ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ތިބި އާންމުންގެ ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފަސް މީހުން ވަނީ ޝަހީދުވެފައެވެ.
އަދި ޖަބަލިއާ އަވަށުގެ ހުޅަނގުގައި އޮންނަ އަލް-ފަލޫޖާ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް އިސްރާއީލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި އިތުރު ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ތުއްލުލް ހަވާ ސަރަހައްދުގެ ޔުނިވަރސިޓީ ކޮލެޖް ކައިރިއަށް ދިން ހަމަލާއެއްގައި ވެސް އެކަކު ޝަހީދުވެ، އެހެން ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ހަމައެއާއެކު އުތުރު ޣައްޒާގެ ބައިތު ލާހިޔާ ރައުންޑްއަބައުޓް ކައިރިއަށް ދިން ހަމަލާއެއްގައި ވެސް މީހަކު ޝަހީދުވެ ތިން މީހަކަށް އަނިޔާވެފައިވާއިރު، ޝަހީދުވި 12 ވަނަ މީހާ މަރުވީ ކޮން ސަރަހައްދެއްގައި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ވައިގެ ހަމަލާތަކުގެ އިތުރުން އިސްރާއީލު ސިފައިން ވަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ އިރުއުތުރުގައި ހުރި ފަލަސްތީނު މީހުންގެ ގެތައް ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާލައި، އެ ސަރަހައްދަށް ބޮޑުބަޑިން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ވެވުނު ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ދެމުންދާ މިފަދަ ހަމަލާތަކުގައި، އެއްބަސްވުމުގެ ފަހުން މިހާތަނަށް 601 ފަލަސްތީނު މީހުން ޝަހީދުވެ، 1،600 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 ގައި ފެށި، ދެ އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގައި ޖުމްލަ 72،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.