Tuesday 17th Feb 2026
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަލަސްތީން

ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކެއްގައި ފަލަސްތީނުގެ 54 މީހުން ޒަޚަމްވެއްޖެ

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އިސްރާއީލުގެ ވަޒަންވެރިން ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަސްތީނުގެ 54 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ހުކުރު ދުވަހުގެ ހެނދުނު ހިންގި މި ހަމަލާތަކުގައި ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްތީނު މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީ، ޒައިތޫނި ގަސްތައް ކަނޑައި ހަލާކުކޮށްފައެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާމަﷲ ކައިރީގައި އޮންނަ ތުރުމުސް އައްޔާ އަވަށުގައި ވެސް ވަޒަންވެރިން ވަނީ ފަލަސްތީނު މީހުންގެ 300 އެއްހާ ޒައިތޫނި ގަސް ކަނޑާލައި ހަލާކުކޮށްލާފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދޭ ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އދ. ގެ ތަފާސްހިސާބުތަކަށް ބަލާއިރު، 7 އޮކްޓޯބަރު 2023 އިން ފެށިގެން މި އަހަރުގެ ފެބްރުއަރީ 5 އާ ހަމައަށް ހުޅަނގު އައްސޭރީގައި އެކަނިވެސް 1,054 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނާ ގޮތުގައި އިސްރާއީލުން އެތައް ހާސް ފަލަސްތީނު މީހުންނެއް އެމީހުންގެ ގެދޮރުން މަޖުބޫރުން ނެރެ، ބޭރުކުރަމުންދާ ދިއުމަކީ ހަނގުރާމައިގެ ކުށެއްގެ އިތުރުން އިންސާނިއްޔަތާ ހިލާފު ޖަރީމާއެކެވެ.

އދ. ގެ ހިއުމަން ރައިޓްސް ޗީފް ފޮލްކަރ ތާކް ވިދާޅުވީ، އިސްރާއީލުން މަސައްކަތް ކުރަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަނެ، އެތަނުގެ އާބާދީގެ ނިސްބަތަށް ދާއިމީ ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އިސްރާއީލުގެ އިސްވެރިންގެ ބައިވެރިވުން އޮވެގެން ހިންގާ ނުރައްކާތެރި އަމަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ތާކް ވަނީ އިސްރާއީލުގެ މި ނިންމުންތައް ވަގުތުން ބާތިލުކުރުމަށް ގޮވާލައްވާފައެވެ.

މި ލިއުމާއި ގުޅޭ