Tuesday 17th Feb 2026
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ރާފިޢު

ގައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީ ދިފާއުކުރަން ސަރުކާރުގެ ވިސްނުންތަކެއް އެބަ ހުރި: ރާފިއު

މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކާމިޔާބުކޮށް، ގައުމަށް ހޯދައިދިން ރީތި ނަމާއި ފަޚުރުވެރި ކާމިޔާބީ ދިފާއުކުރުމަށްޓަކައި ސަރުކާރުން ޚާއްސަ ވިސްނުންތަކެއް ގެންގުޅޭކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ލައިވް ކަވަރޭޖަކަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމުން ހޯދި މި ތާރީޚީ ކާމިޔާބީގެ ސަބަބުން ގިނަ ބައެއްގެ ހިތްތަކުގައި ކުޅިވަރުގެ ރޫހު އާލާވެގެންދާނެ ކަމަށެވެ.
އަދި މީގެ ސަބަބުން އެހެނިހެން ކުޅިވަރުތަކަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ރާފިއު ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީއަކީ އެތައް ޒަމާނަކަށް ދެމިގެންދާނެ ވާހަކައެކެވެ. އަދި މި ފެންވަރުގައި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
"ފުޓްސަލް ކުޅުންތެރިންގެ އެންމެ ބޮޑު ހުވަފެނަކީ އިންޑޯ ޕްރެކްޓިސް ފެސިލިޓީއެއް ލިބުން. މި ކާމިޔާބީއާއެކު އެ މަސައްކަތް މިހާރު މިވަނީ އިތުރަށް ބާރުސްޕީޑުގައި ކުރަން ޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، އިންޑޯ ކޯޓެއް ގާއިމުކުރުމުގެ މަޝްވަރާތައް އެފްއޭއެމްއާ އެކު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުމަށް އެސޯސިއޭޝަންގެ ރައީސާ އެކު މިއަދުވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މި މުބާރާތުގައި ރާއްޖެއިން ތަށި ކަށަވަރުކުރީ ބޫޓާނާ ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކޮށްގެންނެވެ. މުޅި މުބާރާތުގައިވެސް އެއްވެސް މެޗަކުން ބަލިނުވެ މޮޅު ކުޅުމެއް ދެއްކި ގައުމީ ފުޓްސަލް ޓީމު، ތަށްޓާއެކު ރާއްޖެ އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

މި ލިއުމާއި ގުޅޭ