Tuesday 17th Feb 2026
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ލިލީ މިރޭ އެނބުރި އޮލިމްޕަހަށް

އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ދިވެހި ފިލްމު “ލިލީ” މިރޭ އޮލިމްޕަސް ސިނަމާގައި ރީ-ރިލީޒް ކުރަން ހަމަޖެހިފައިވާއިރު، މި ފިލްމުގެ ވާހަކަ އެންމެ ފުރަތަމަ އަޑު އިވުނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މުޅި މާލެއަށް ލިލީތަކެއް ބަހައި، ފިލްމުގެ ނަން ލޯންޗު ކުރިއިރު އެހާ ހިސާބުން ފެށިގެން އާންމުންގެ ސަމާލުކަން ފިލްމުން ހޯދިއެވެ. މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ފިލްމު އޮލިމްޕަހުގައި އެޅުވިއިރު، މި ފިލްމާ ބީރައްޓެހި އެކަކުވެސް ހުންނާނެ ހެނެއް ހިއެއް ނުވެއެވެ.

އޮލިމްޕަސް ހޯލު ލިބުމުގައި ދަތިތަކެއް ހުރުމާއެކު، އޭރު “ލިލީ” ފިލްމުން 13 ޝޯވ ދައްކާފައި ޖެހުނީ އޮލިމްޕަހުން ނިކުންނާށެވެ. އާންމުންގެ ބޮޑު ތަރުހީބަކާއެކު 13 ޝޯވެސް ދެއްކީ ހައުސްފުލްކޮށެވެ. އޭގެތެރޭގައި، މެންދުރު ޝޯވތަކާއި ދަންވަރު ޝޯވތައްވެސް ހިމެނެއެވެ.

އާންމުންގެ ޑިމާންޑާއެކު “ލިލީ” އަނެއްކާވެސް އޮލިމްޕަހުގައި އަޅުވާއިރު، މި ފިލްމު ބަލައިލުމުގެ ފުރުސަތު އަހަރެންނަށް ލިބުނެވެ. ފިލްމު ސްޕޮއިލް ނުވާނެހެން މީގެ ވާހަކަ ދައްކަން ހިނގާށެވެ.

ގެވެށި އަނިޔާ ވަރަށް ތަފާތު ނަޒަރަކުން
މީގެ ކުރިން އެތައް ދިވެހި ފިލްމެއް ވަނީ ގެވެށި އަނިޔާގެ މައްޗަށް ތައްޔާރުކޮށްފައެވެ. ޚާއްޞަކޮށް މި އަހަރު ނިކުތް ގިނަ ފިލްމުތަކެއްގައި އަނިޔާގެ ވާހަކަ ވަރަށް ތިލަކޮށް ވަނީ ގެނަސްދީފައެވެ. އެހެންނަމަވެސް، “ލިލީ” ގައި ފެނުނީ ތަފާތު ނަޒަރިއްޔާތަކުން މިވާހަކަތައް އަލުން ގެނަސްދީފައެވެ. ހުތުރު ބަހުރުވައާއި މަންޒަރުތަކެއް ނުހިމަނައި އަނިޔާ ގެނެސްދިނީ އަނިޔާ ލިބޭ މީހާގެ އިހުސާސްތަކުންނެވެ. ފިލްމުގައި ދައްކުވައިދިނީ އަނިޔާ ލިބޭ މީހާގެ ވޭނާއި އޭނާގެ ކެކުޅުންތަކެވެ. މަންޒަރުތައް އަތުރާލާފައިވަނީ ހަމަ ކޮންމެ މީހެއްގެވެސް ހިތާއި ކުޅެލާފަދަ އަސަރުގަދަ ގޮތަކަށެވެ.
އާންމު ކުށްތަކުގެ ވާހަކަ

ފިލްމުގައި ކިޔައިދިން ވާހަކަތަކުގެ ތެރޭގައި ރާއްޖޭގައި އާންމުކޮށް ހިނގާ ކުށްތައް ގެނަސްދީފައި ވެއެވެ. ހަށި ވިއްކުމުގެ ކުށަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި އިތުރުވަމުން އައިސްފައިވާ ނުރައްކާތެރި މައްސަލައެކެވެ. މި މައްސަލައަށް އަލިއަޅުވާލައި، މީގެ ސަބަބުން އުފެދޭ އެހެނިހެން މައްސަލަތަކާއި ކުށްތަކަށް އަރައިގަންނަ މީހުން އެކަން ކުރަނީ މުޖުތަމައުގެ ކޮން ކޮން ގޮންޖެހުމަކާއިއެކުކަންވެސް ވަނީ ކިޔައިދީފައެވެ. މީގެއިތުރުން، ހަށި ގަންނަ މީހާއާއިމެދުވެސް “ލިލީ” ގައި ވަނީ ސުވާލު އުފައްދާފައެވެ.

އާއިލީ މައްސަލަތަކާއި ގޯސްކަމެއް ވަށައިގެން ހިނގާއިރު މުޖުތަމައުއިން ހަނު ތިބުމުގެ ނުބައި އާދައިގެ ވާހަކަވެސް ފިލްމުގައި ގެނަސްދީފައިވެއެވެ. މިކަންކަން ގެނަސްދިންއިރު، އާންމުންނަށް މައްސަލައިގެ ސީރިއަސްކަން ވަރަށް ތިލަކޮށް ބުނެދީފައިވެއެވެ.

މީގެއިތުރުން، ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަވެސް ނުސީދާކޮށް ވަނީ ބުނެދީފައެވެ. އެންމެ ކައިރީގައި ހުންނަ މީހާގެ ނަފްސާނީ މައްސަލައެއް ހުންނަކަން ދެނެގަތުމަކީވެސް އެކަމާމެދު ވާހަކަ ނުދައްކާހާ ހިނދެއްގައި އުނދަގޫ ވެދާނެ ކަމެއްކަން ފިލްމުގައި ވަނީ ބުނެދީފައެވެ.

އާ މަންޒަރުތަކެއް އިތުރުކޮށްފި


“ލިލީ” އަލުން އޮލިމްޕަހަށް އަންނައިރު އެންމެ ގިނަ ބަޔަކު ސަޕްރައިޒް ކޮށްލީ މަޤުބޫލު ފިލްމީ ތަރި ޔޫސުފް ޝަފީއު، ޔޫއްޕެ އާ ޓްރެއިލާގައި ފެނުމެވެ. ފުރަތަމަ ލިލީ އެޅުވިއިރު ޔޫއްޕެގެ މަންޒަރެއް ނެތެވެ. އަލުން ފިލްމު އަޅުވާއިރު ޔޫއްޕެގެ މަންޒަރެއް ހިމަނާފައިވަނީ ގެސްޓު އެޕިއަރެންސެއްގެ ގޮތުގައެވެ. މިއީ ކުރިން ފިލްމު އެޅުވިއިރު އާންމުންގެ ގިނަ ބަޔަކު އުފެއްދި ސުވާލުތަކަކަށް ޖަވާބު ލިބޭނެ ސީންއެއް ކަމަށް “ލިލީ” ގެ ޓީމުން ވަނީ ބުނެފައެވެ.

“ލިލީ” ދެން ސިނަމާގައި ދައްކާނީ ކިހާ ދުވަހެއް ވަންދެންކަން ޓީމުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، މިހާރުވެސް ފިލްމަށް އޮތް ބޮޑު ޑިމާންޑާއެކު ޝޯވތައް ދަނީ ހައުސްފުލް ވަމުންނެވެ. ޓިކެޓު ވިއްކަނީ އޮލިމްޕަސް ޓިކެޓު ކައުންޓަރުންނެވެ. މީގެއިތުރުން، ވެބްސައިޓު މެދުވެރިކޮށް އަދި ވައިބާ މެދުވެރިކޮށްވެސް ޓިކެޓު ގަނެވޭނެއެވެ.

މި ލިއުމާއި ގުޅޭ